ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު ފެށިތާ އެންމެ 28 ދުވަހުގެ ތެރޭގައި މަސައްކަތުގެ 80 އިންސައްތަ ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ އެޕްރީލް 4 ވަނަ ދުވަހުއެވެ. މިގޮތުން މޭ 2 ގެ ނިޔަލަށް 28 ދުވަސް ހަމަވިއިރު، މި މުއްދަތުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިންމާލެވިފައިވާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް ތާވަލުކޮށްފައިވާ ތާރީޚަށްވުރެ ކުރިން ނިންމައި ހަވާލުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމުގައި އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތައްވެސް މި ހަލުވިމިނުގައި ކުރިއަށް ގެންގޮސް، ބިމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ގުޅިގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އަލަށް އިތުރުކުރެވޭ ބިން ފޯރުކޮށްދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުވެގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި، 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 89.63 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
814 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ނަމަވެސް ވަރަށް ރީތި، ހިތްގައިމު ރަށެކެވެ. މާލެއަތޮޅު ގިނަ ރަށްތައް ފަދައިން ގުޅިއަކީވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް އެ ރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި ވިޔަފާރި ކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލައެވެ.
އެހެންކަމުން މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާތަން މުސްތަޤުބަލުގައި ފެނިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢު ނިމުމާއެކު ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިޤުތިޞާދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑު ތަނުން ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން