ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ތިނަދޫ ސިޓީ ކެމްޕަސް އިތުރަށް ތަރައްޤީކޮށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ޚާއްޞަ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މި މަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ވަކި ތިން މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި، އެއީ މި ކެމްޕަހުގައި ތިން ފަންގިފިލާގެ އިމާރާތެއް ހެދުމާއި، ދަރިވަރުންނަށް ޚާއްޞަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި، މުވައްޒަފުންނަށް ޚާއްޞަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުން ކަމަށެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތް ނިމުމުން ތިނަދޫގެ ރައްޔިތުންނަށް ތަޢުލީމީ ރޮނގުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އިމާރާތްކުރާ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކުގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހުންނާނެ ކަމަށާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ހަތް ކޮޓަރިއާއި ކެފޭއެއްވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ.
މި ލިޔުން ކިޔާލުމުން