ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއްނިންމެވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީއަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި، ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އެސިޓީގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިލާދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާކަމަށް ސާބިތުވާކަމަށެވެ.
އެހެންކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒްގެ އެ އަމަލަކީ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސޫއޫދުވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން