ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓްކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން ޤާއިމްކޮށްފައިވާ މުވާސަލާތީ އިންފްރަސްޓްރަކްޗަރތަކުގެ މައްޗަށް ސަރުކާރުގެ އޮފީސްތައް ބަރޯސާވެފައިވާއިރު، އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ޤުދްރަތީ ޚާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއިންކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެން.ސީ.އައި.ޓީ އަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ "ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް" އާއި އެކުގައެވެ.

މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ސޮއިކުރީ އެން.ސީ.އައި.ޓީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތް އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 45,525 އެމެރިކާ ޑޮލަރަށް ކަމަށެވެ. އަދި މަސައްކަތް ނިންމަން ދީފައިވަނީ ހަތަރު މަސް ދުވަސް ކަމަށާއި އެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ އެންމެ މުހިންމު އިދާރާއަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އެވެ. މިގޮތުން އެން.ސީ.އައި.ޓީ އިން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ (އެން.ޑީ.ސީ) ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައްވެސް ވަނީ ގުޅާލެވިފައެވެ.
މި ލިޔުން ކިޔާލުމުން