މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ ދިވހި ރައްޔިތުންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށާއި މި ސެންޓަރުގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން ރާއްޖެއަށް އަންނާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އިފްތިތާހުކުރުމަށް ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން ރާއްޖެއަށް އަންނާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އުފެއްދުމަށް ނިންމައި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ސަރަޙައްދެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ފިންޓެކް ދާއިރާގެ އައު އީޖާދުތައް ހޯދާ ފަރާތްތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ އިސް ވިޔަފާރި އަދި މާލީ މަރުކަޒުގެ ގޮތުގައި މާލެ ޤާއިމުކުރެވިގެންދާނެއެވެ.
2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ވާޞިލުވެވޭނެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ.) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އެއާއެކު، 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. ރަނާއުލޯ އޭނާގެ ހުރިހާ މަޝްރޫޢުތަކެއްގައިވެސް ތިމާވެއްޓާ ރައްޓެހި އުސޫލުތައް ހިމަނައެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ކިޔާލުމުން