އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރު ކަނޑައަޅައިފިއެވެ. މިގޮތުން މި އަހަރުގެ ޝިއާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން"، މިއެވެ.
އެ ވުޒާރާއިން ބުނީ މި ޝިއާރުން ބުނެދޭން ބޭނުންވަނީ ކުދިންނަށް އުފާވެރި ހަޔާތެއް އަދި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ މައިންބަފައިން ކުދިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތާއި އަދި މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އުފާވެރި، ހަރުދަނާ ގުޅުންކަން ކަމަށެވެ.
އެންމެ ފުރަތަމަ ކަމަކީ 'އުފާވެރި ވަގުތު' އެވެ. މިއީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކެވެ. މި ވަގުތުތަކަކީ ކުދިންނަށް ލޯބި، އަޅާލުން އަދި ސަމާލުކަން ލިބޭ ވަގުތުތަކެވެ. ކުދިންނާއެކު ކުޅިވަރުކުޅެ، ވާހަކަދައްކައި، އެކުގައި ކިޔެވުން ފަދަ ކަންކަމުގެ ތެރެއިން ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ކުދިންގެ ހިތްތަކުގައި އުފާވެރިކަމާ ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭނެ ކަންކަމެވެ. އަދި މި ކަންކަމުގެ ސަބަބުން އެ ކުދިންގެ ސަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ 'އުފާވެރި ގުޅުން'، މިއީ މައިންބަފައިން އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުން ކަމަށެވެ. މި ގުޅުމުގެ ތެރެއިން ކުދިންނަށް ލިބެނީ އަޅާލުމާއި، އެހީތެރިކަމާއި، މަޝްވަރާއާއި، ހިތްވަރެވެ. މިފަދަ ގުޅުމެއްގެ ތެރެއިން ކުދިންނަށް އެމީހުންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ދިމާވާ ދަތިތަކާ ކުރިމަތިލާން ދަސްވެއެވެ. އަދި މައިންބަފައިންނަށް ކުދިންގެ ބޭނުންތަކާއި އުންމީދުތައް ދެނެގަތުމަށް ފަސޭހަވެއެވެ.
މި ދެކަމުގެ ނަތީޖާ އަކީ 'އުފާވެރި ކުދިން' އެވެ. އުފާވެރި ވަގުތާއި އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އިތުބާރު ހުރި، އަމިއްލަ ނަފްސަށް ޔަޤީންކަން އޮތް، އުފާވެރި ދަރިންނަށް ވެގެންދެއެވެ. މިފަދަ ކުދިންނަކީ ތަޢުލީމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަދި ޖަޒްބާތީ ގޮތުން ކުރިއަރާ ކުދިންނެވެ. އެމީހުންނަކީ ދުނިޔެ ދެކެ ހެޔޮ ގޮތުގައި ދެކޭ، ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ކުދިންނެވެ.
އެ ވުޒާރާއިން ބުނީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިޢާރަކީ ކުދިންގެ ތަރުބިއްޔަތާއި ބެހޭގޮތުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ޝިޢާރެއް ކަމަށާއި، އެއީ ކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ކަންކަމެއް ނޫން ކަމަށާއި، އެމީހުންނަށް ބޭނުންވަނީ ލޯތްބާއި، ސަމާލުކަމާއި، ގާތްކަން ކަމަށެވެ. މިކަންކަން ލިބުމުން، އެމީހުންނަކީ އުފާވެރި، ދުޅަހެޔޮ، ކާމިޔާބު ކުދިންނަށް ވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން