އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަސިއްޔަތްކުރުމަކީ ﷲއާ ކުއްތަން ކޮށްދޭ ޢަމަލެއް ކަމުގައި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުުންތަކެއްކަމުގައިވާށެވެ!"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށާއި، ތިބާއަށް ލިބިގެންވާ ހެޔޮ ކަން ހަމައެކަނި ތިބާއަށް ލިބިގެންވާ އެއްޗެއް ކަމުގައި ނުހެދުމަށް ނަސޭހަތްތެރިވެފައެވެ.
"އެކަންވާހުށީ މީސްތަކުންނަށް ރަޙުމުކޮށްގެން. ނުދަންނަ މީހުންނަށް އުނގަންނައިދީގެން. ހާޖަތްތެރީންނާއި ގަޤީރުންނަށް ތިބާގެ ޖާހާއި މާލުން އެހީތެރިވެގެން. ބޮޑެތި މީހުންނަށް އިޙްތިރާމްކޮށްގެން. ކުޑަކުދީންނަށް އޯގާތެރިވެގެން. ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީގެން. ޖަނަވާރުންނަށް އޯގާތެރިވެގެން"، ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ﷲގެ ރަޙުމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުން ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ރަހުމަތް ލައްވައި، އެކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވައި، ކަށްވަޅުގެ ޢަޛާބުންނާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި އެކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
އަދި، މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީހަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތްﷲ އެ މީހަކު ފަޟީހަތްކުރައްވާނެ ކަމަށާއި، އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމްކުރައްވާނެ ކަމަށާއި، މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާނެ ކަމަށާއި، އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާނެ ކަމަށާއި، މީހަކާ މުޢާމަލާތްކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައިވެސް މާތްﷲ އޭނާއާ މުޢާމަލާތްކުރައްވާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ﷲގެ އަޅުތަކުންނަށް ފައިދާ ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤު ކަމަށާއި، މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށެވެ.
މި ލިޔުން ކިޔާލުމުން