މަރކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން އެ ފައުންޑޭޝަންގެ މަންދޫބުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާ މަޝްވަރާކުރައްވައިފައެވެ.
ރައީސް އޮފީހުން ހާމަކުރާ ގޮތުގައި އެ ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، މެޑަމް ސާޖިދާގެ އަރިހަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ވަނީ މަރކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން މެރކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.
އަދި އެކަމަނާ އަކީ މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ. މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ޤާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ލިޔުން ކިޔާލުމުން