އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގެ ފުރަތަމަ އިންޓޭކް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 30 އެޕްރީލު 2025 ދުވަހުން ފެށިގެން 15 މޭ 2025 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި، މި އިންޓޭކްގައި ފުރުސަތު ދެވޭނީ 15 ފަރާތަކަށް ކަމަށެވެ.
މި އިންޓަރންޝިޕަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ.
އެހެންކަމުން މި އިންޓަރންޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން މޭ 15 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޭއީއެޗްގެ އެޑްމިން އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އެ ހޮސްޕިޓަލުން ބުނީ އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕުރޮގުރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން