ޑޭޓާއަކީ ހަމައެކަނި އަދަދުތަކެއް ނޫންކަމަށާއި، އެއީ އިންޒާރަކާއި ކާރިސާއެއްގެ ތަފާތު ކަމަށާއި، ރޭވުންތެރިކަމާއި ޢަމަލުކުރުމުގެ ތަފާތު އަދި ދިރިހުރުމާއި ކުރިއެރުމާ ދެމެދު ހުރި ތަފާތު ކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިންގ އެންޑް ފައިނޭންސް، ޙުސައިން އިމްރާން ޢަބްދުލް މުހައިމިން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ފޯރަމް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ މިނިސްޓީރިއަލް ފަޔަރސައިޑް ޗެޓުގައި "އިންވެސްޓިންގ އިން ޑޭޓާ ޓު އެކްސަލަރޭޓް ޑިވެލޮޕްމަންޓް އޮފް ދަ އީކޯސޮކް ފޯރަމް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓް"، މި މައުޟޫޢަށް ވާހަކަދައްކަވަމުންނެވެ.
އެޕްރީލް 28 އިން 29 އަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އ.ދ. ގެ ހެޑްކުއާޓަރުގައި ބޭއްވި މި ފޯރަމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މޫސުމީ މައްސަލަތަކީ ބަހުސެއް ނޫން ކަމަށާއި، އެއީ ދުވަހުން ދުވަހަށް ކުރިމަތިލާންޖެހޭ ޙަޤީޤަތެއް ކަމަށެވެ. އެހެންނަމަވެސް، ބޭނުންވާ ޑޭޓާ ނެތި އެފަދަ ކަންކަމާ ކުރިމަތި ނުލެވޭނެކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ޑޭޓާއަށް ހޭދަކުރުމަކީ ރެސިލިއަންސަށް ހޭދަކުރުން ކަމަށާއި، މިހާރަށްވުރެ އަވަސް އަދި މޮޅު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.
މިގޮތުން އާޓިފިޝަލް އިންޓެޖިލަންސް (އޭއައި) ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަކީ ލިބޭ އުއްމީދެއް ކަމަށާއި، މިފަދަ އާލާތްތަކުގެ އެހީގައި މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގައި ހުރި ކަންކަން ފޫބެއްދޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، ޓެކްނޮލޮޖީން އެކަނި ނުފުދޭނެ ކަމަށާއި، ޤައުމުގެ އެތެރޭގެ މުއައްސަސާތަކަށް ހޭދަކުރުމަކީ ދިގު މުއްދަތުގެ ކާމިޔާބީގެ ތަޅުދަނޑި ކަމަށާއި، ތަފާސްހިސާބުތައް ބަލަހައްޓާ އޮފީސްތަކަށް ބޭނުންވަނީ ޤާބިލުކަމާއި، މިނިވަންކަމާއި، ޒަމާނީ ވަސީލަތްތައް ކަމުގައި އިމްރާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ ޑޭޓާ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ހޭދަކުރުންވެސް މުހިންމު ކަމަށެވެ. އަދި މަޢުލޫމާތުތައް ބެލެހެއްޓޭނެ ވަރުގަދަ ނިޒާމުތައް ބޭނުންވާ ކަމަށާއި، ހަމަ އެއާއެކު މަޢުލޫމާތު އެއްކުރެވޭ ފަރާތްތަކުގެ ރައްކާތެރިކަންވެސް ކަށަވަރުކުރަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޭރުގެ އެސެސްމަންޓްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީގެ އެޖެންޑާތައް ލީޑްކުރެވޭނެ ކަމުގައި އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ވަރަށް ބޮޑު ކަމަށާއި، ޑޭޓާގައި އެންމެ ކުދި ފަރަގުތަކަކީވެސް ސިޔާސަތުތައް އެކަށައެޅުމުގައި ހުންނަ އެންމެ ބޮޑު ފަރަގުތަކަކަށްވެސް ވެދާނެ ކަމަށާއި، ދުވަސްވެފައިވާ، ފުރިހަމަ ނުވަތަ ނުފެންނަ މަޢުލޫމާތެއްގެ މައްޗަށް ރެސިލިއަންސް ނުވަތަ ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން ބިނާ ނުކުރެވޭނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އިމްރާންގެ ވާހަކަފުޅު ނިންމަވާލެއްވީ އާންމު މަންފާއަށްޓަކައި ޑޭޓާ އަށް ހޭދަކުރުމަށް ގޮވައިލައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން