މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ޕުތުރަޖާޔާގައި ރައީސަށް ރަސްމީ ގޮތުން އެ ޤައުމުގެ ސަރުކާރުން މަރުޙަބާ ދަންނަވާފައިވާއިރު، ޕުތުރަ ޕަރްދާނާގައި ވަނީ މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ބާއްވައިފައެވެ. މި ދަތުރުފުޅުގައި ރައީސާއި މެލޭޝިއާގެ ބޮޑުވަޒީރު ގުޅިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައިވެއެވެ. އަދި ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް ބަދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުވެސް ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުން ރައީސް ވަނީ، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތު ދެއްވައިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑާއި އީ-ޕާސްޕޯޓުގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން މެލޭޝިއާއާ ވެސް ބައްދަލުކުރައްވައިފައެވެ.
މި ދަތުރުފުޅުގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވައިފައެވެ..
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ލިޔުން ކިޔާލުމުން