ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫޏް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ، އެފަދަ ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫޏް ވަނީ އެކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ. އަދި، އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާއި މެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، ވަޔާއި ކަނޑުގެ މަގުން ރާއްޖެ ގުޅިފައިވާ މިންވަރުގެ މައްޗަށް ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުންވެސް އެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އިތުރުން، މި ބައްދަލުވުމުގައި، އެ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، ސަޔެދް ޢަލީ ޝަހުލް ޙަމީދުގެ އިތުރުން، ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން