ނަފްސާނީ ޞިއްހަތު ހަރުދަނާކުރަން ބެލެނިވެރިންނާއި ކުދިންނަށް އެހީތެރިވުމަށް ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުން ތައްޔާރު ކޮށްފައިވާ ''ވިއްލުންތެރި އެކުވެރިން'' ފޮތާއި ގައިޑްލައިން މިނިސްޓަރ އޮފް ހެލްތު އަބުުދުﷲ ނާޒިމް އިބްރާހީމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި ފޮތަކީ ނަފްސާނީ ޞިއްހަތު ހަރުދަނާކުރުމަށް، ބެލެނިވެރިންނާއި ކުދިންނަށް އެހީތެރިވުމަށްޓަކައި ، ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން ތައްޔާރުކޮށްފައިވާ ފޮތަކާއި ގައިޑްލައިނެކެވެ.
މި ފޮތާއި ގުޅޭގޮތުން ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު ގެ ކޮންސަލްޓަންޓް އިން ސައިކިއާޓްރީ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވީ މި ފޮތަކީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ފޮތެެއް ކަމަށެވެ. އަދި ފޮތުގައި އެކި ކެރެކްޓަރސްތައް ހެދިފައި ހުންނާނީ ކުދިންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކާއި ވާހަކަތައް ހިމަނައިގެން ކަމަށެވެ.

''ކޮންމެ ކެރެކްޓަރ އެއްގެ ވާހަކަވެސް ގުޅިފައިވަނީ ކުދިންނަށް ދިމާވާ އެކި އުނދަގޫތަކާއި ގުޅުވައިގެންނެވެ. ފޮތާއި އެކު ވަނީ ޕޭރެންޓް ގައިޑްލައިނެއްވެސް އެކުލަވާލާފައެވެ. އޭގައި ހިމެނެނީ އެކިކަހަލަ އުނދަގޫ ދިމާވީމަ ކުރެވިދާނެ ކަންތައްތައް. މި ފޮތް ބެލުމަށްފަހު ޕޭރެންޓް ގައިޑުން ދައްކާލާނެ ކުލަތަކެއް. އެ ކުލަތަކާއި ކުއްޖާއަށް ދިމާވާ އުނދަގޫތައް ދެނެގަނެ ކުރަންވާ ކަންކަން މި ފޮތުގައި ހިމަނާފައި ހުންނާނެ" ފޮތާއި ގުޅޭގޮތުން ޑރ. ޝަނޫހާ މަންސޫރު ވިދާޅުވިއެވެ.
މި ފޮތުގެމަޤްޞަދަކީ މުޖުތަމަޢު ތެރޭގައި ކުދިންނަށާއި ބެލެނިވެރިންނަށް ދިމާވާ އުނދަގޫތަކަށް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށް ދިނުމެވެ. އެއީ ކޮންމެހެން ނަފްސާނީ ބައްޔެއް ހުރެގެން ނޫން ކަމަށާއި އެއީ އުނދަގޫތަކަށް އެޑްރެސް ކުރަން އެހީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށް ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުން މައުލޫމާތުދެއެވެ.
މި ފޮތަކީ ޔުނިސެފްގެ އެހީތެރިކަމާއި އެކު ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު ގެ ޑޮކްޓަރުން އަދި މުވައްޒަފުން އަމިއްލައަށް ކެރެކްޓަރތައް ތައްޔާރުކޮށް ޑިޒައިންކޮށް ކުރަހާ ލިޔެފައިވާ ފޮތެކެވެ.
މި ފޮތް ސްކޫލްތަކާއި ހުރިހާ ޞިއްހީ ޚިދުމަތްދޭ ތަންތަނަށް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ފޮތުގެ މައުލޫމާތު ދިނުމަށް އެކި އެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން