ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް ޕުތުރަޖަޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވިއެވެ.
ރައީސް މެލޭޝިއާއަށް ވަޑައިގަންނަވަނީ މި އެޕްރީލް މަހުގެ 27 އިން 30 އަށެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން