މި އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާގައި ދައްކާ ވާހަކަތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޑުއައްސަވާތީ، އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ޒުވާނުން އެމަނިކުފާނަށް ޝުކުރު އަދާކޮށްފިއެވެ.
މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު "ޖަވިޔަނި" އޮންލައިނަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މިއީ ސިޔާސީ ކަމަކާ ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ މުޒާހަރާތަކެއް ނޫން ކަމަށާއި، މިއީ ފުރާޅު މައްޗަށް ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކި ތަންތަނުގައި މަސައްކަތްކުރާ ޒުވާނުން ކުރަމުންދާ މުޒާހަރާއެއް ކަމަށެވެ.
އެ ޒުވާނުން ބުނީ މި މުޒާހަރާގެ މަޤުޞަދަކީ ފުލުހުން ޖަވާބުދާރީކުރުވުން ކަމަށާއި، ދޮގު ހަދައި އޮޅުވާލައިގެން ކޮށްފައި ހުރި ކަންތައްތައް ދެފުށް ފެންނަ ގޮތަށް ހުޅުވާލަދިނުން ކަމަށެވެ.
"އަޅުގަނޑު ބުނެލަން އޮތީ މީގެ ތެރެއަށް ނުފޫޒު ފޯރުވަން ވަރަށް ބައިވަރު މީހުން ހައިޖެކު ކުރުމުގެ ޗާންސްވެސް އަޅުގަނޑުމެންނަށް ދިން. އެކަމަކުވެސް އަޅުގަނޑުމެން ކޮންމެ ރެއަކު އެކަންތައްތަކަށް ޓެކަލްކުރަމުން، މީގެ ތެރެއަށް އެއްވެސް ޕޮލިޓިކަލް އިންފްލުއަންސެއް ނުވައްދައި ހަމަ މި ކުރިއަށްގެންދަނީ"، ވާހަކަ ދެއްކި އެއް ޒުވާނަކު ބުންޏެވެ.
މީގެ އިތުރުން އެ ޒުވާނުން ބުނީ މިއީ އެއްވެސް ޕާޓީއެއް އަދި އެއްވެސް ގޭންގެއްވެސް މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި، ވަރަށް ބައިވަރު ޕްރެޝަރު އަންނަ ކަމަށެވެ. އަދި ޒުވާނުންގެ ޑިމާންޑްތައް މަދުމަދުން ފުއްދަވައިދެއްވަމުން ގެންދަވާތީ ރައީސް ޑރ. މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އިންޓަވިއު ދިން ޒުވާނުން ވަނީ ބުނެފައެވެ.
"އެހެންވީމަ އަޅުގަނޑުމެން ޝުކުރު އަދާކުރަން ރައީސް އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއަހާތީ އަދި އެއަށް ޢަމަލުކުރަމުންދާތީ"، ވާހަކަ ދެއްކި އެއް ޒުވާނަކު ބުންޏެވެ.
މި ލިޔުން ކިޔާލުމުން