މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަޙަތުތައް ދެނެގަތުމަކީ ރައީސުލްޖުމްހޫރިއްތާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން