ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް ސީދާ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން ނިންމައިފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުމަކީ އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
މިގޮތުން ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢުއަކީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫޢު ކަމަށައި، ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް އެ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެން ކަމަށެވެ.
ނަމަވެސް، 29 ޖަނަވަރީ 2025 ގައި، ތިނަދޫ ސިޓީ ކައުންސިލުން ވަނީ މި މިނިސްޓްރީގެ ހުއްދަ ނެތި ހައުސިންގ ޔުނިޓް ދޫކުރުމަށް އިޢުލާންކޮށްފައިވާ ކަމަށާއި، އެ އިޢުލާން ބާޠިލްކުރުމަށް 30 ޖަނަވަރީ 2025 ގައި އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި، އަދި ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، މިއަދާހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ތިނަދޫ ސިޓީ ކައުންސިލުން 29 ޖަނަވަރީ 2025 ގައި 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިޢުލާންއަކީ އެ މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިޢުލާނެއް ކަމުގައިވާތީ، މި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް އެ މިނިސްޓްރީން ބަލައިނުގަންނަ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން