ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން ވެއްދިނަމަ، އެ ޕާޓީގައި މިހާރު ތިބޭނީ 90،000 މެންބަރުންނެއް ނޫން ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު، ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަޒީރު އިޙްސާން ވިދާޅުވީ، ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މީހުން ވެއްދިނަމަ، ޑރ. ޝަމްހީދުވެސް ހުންނަވާނީ ޕީއެންސީގައި ކަމަށާއި، އެ ޕާޓީގައި ތިބޭނީ 90،000 މެންބަރުންނެއް ނޫން ކަމަށެވެ.
އެހެންކަމަށް ވާނަމަ ރާއްޖޭގައި އެ އުމުރުފުރާގެ ހުރިހާ އެންމެންވެސް ތިބޭނީ ޕީއެންސީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާގެ ދަށުގައިވާ ޑީއެންއާރު ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުމަށް ޞައްޙަ ނޫން ފޯމު ފުރައި، އެ ފޯމުތައް އީސީއަށް ހުށަހެޅުމުގައި އިޙްސާން އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ޕީއެންސީ ޕީޖީން ވަނީ މި މައްސަލަ ބޭރުކޮށްލައިފައެވެ.
ނަމަވެސް ވަޒީރު އިޙްސާން ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން