ހައްދުންމަތީ ހިތަދޫގައި ޤާއިމްކުރަން ނިންމާފައިވާ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހޭންޑްބޯޅަ ކޯޓު އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށް ފެންސްގައި ހަރުކުރާ ދަނޑަނޑުތަކުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވި މައިގަނޑު ސަބަބަކީ ކޯޓު އަޅާ ސަރަހައްދު ސާފުކުރުމަށް ވަގުތު ބޭނުންވުން ކަމުގައިވެސް އެ ވުޒާރާއިން ބުންޏެވެ.
ލ. ހިތަދޫ ހޭންޑްބޯޅަ ކޯޓު އެޅުމަށް ބިން ސާފުކުރުމުގެ މަސައްކަތް ނިންމައި، އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި. pic.twitter.com/1qbw0BqGn7
— Ministry of Sports, Fitness and Recreation (@MoSFR_mv) April 20, 2025
ލ. ހިތަދޫގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މިއީ 1.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މިވަގުތު ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ހޭންޑްބޯޅައިގެ ގިނަ ހަރަކާތްތަކެއް ލ. އަތޮޅުގައިވެސް ކުރިއަށްދެއެވެ. މިގޮތުން އެ އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް މުބާރާތާއި، އާންމުންނަށް ހުޅުވާލައިގެން ހޭންޑްބޯޅަ މުބާރާތްތައްވެސް ބާއްވައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި ކޯޓުގެ މަސައްކަތް ނިންމައި، މި އަތޮޅުގައި ހޭންޑްބޯޅަ ފުޅާކުރުމަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދިނުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން