އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އަބަދުވެސް ސިފައިން އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މި ޤައުމު އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިންކަން ފާހަގަކުރެއްވިއެވެ.
ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން. ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން.
ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި… pic.twitter.com/72cLDhwxJk
— Dr Mohamed Muizzu (@MMuizzu) April 21, 2025
ޤައުމަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިން، އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމުގައި ވިދާޅުވެފައެވެ. އަދި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން