މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވައި، މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި ޤައުމަށް ހެޔޮބަދަލު އަންނާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މެޑަމް ސާޖިދާ ވަނީ ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއް ކަމުގައި ވިދާޅުވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އީގަލްސް ކޮމިއުނިޓީއިން އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެފަދަ މަސައްކަތްތައް ކުރުމަށް އެކަމަނާގެ ވާހަކަފުޅުގައި ބާރުއަޅުއްވައިފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.
ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ރޯދަ މަހު ކުރިއަށްގެންދިޔަ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން