ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު) ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ "400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް" އިފްތިތާހުކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ސަޢުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާއި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރެވެ.
މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިންގ ޔުނިޓު ޢިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ރަސްމިއްޔާތު ބާއްވާފައި މިވަނީ ސަޢުދީ ފަންޑުގެ ސީ.އީ.އޯ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާއި އެ މަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ސަޢުދީ ފަންޑުގެ މަތީ ފަންތީގެ ވަފުދު ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.
މި ލިޔުން ކިޔާލުމުން