ސްވިޑަން، ސީޝެލްސް އަދި އޮސްޓްރިއާއަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މި މަޤާމުތައް ޢައްޔަންކުރައްވަން ރައީސް ފޮނުއްވި ނަންތައް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައިފައެވެ.
މިގޮތުން ރައީސް ވަނީ، ސްވިޑަން އަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު ޝާން ޝާކިރުގެ ނަން ހުށަހަޅުއްވައިފައެވެ.
މީގެ އިތުރުން ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު ޢިމާދުގެ ނަން ހުށަހަޅުއްވާފައިވާއިރު، އޮސްޓްރިއާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހުށަހެޅުއްވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
މި ތިން ބޭފުޅުންގެ ނަންވެސް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ލިޔުން ކިޔާލުމުން