ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސަޢޫދީ ފަންޑް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ރައީސް އޮފީހުން ބުނީ ސީއީއޯ އަލް މަރްޝަދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ސަޢޫދީ ފަންޑުގެ މަތީ ފަންތީގެ ވަފުދަކާއެކު ސީއީއޯ އަލް މަރްޝަދު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެއެވެ. ސަޢޫދީ ފަންޑުގެ ވަފުދަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އިސްވެރިންނެވެ.
މި ދަތުރުފުޅަށްފަހު ސީއީއޯ އާއެކު ސަޢޫދީ ފަންޑުގެ ވަފުދު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މި ލިޔުން ކިޔާލުމުން