ގޭސް ވިއްކާ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ބަދަލުކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެސްޓީއޯ ބޯޑުގެ ބައްދަލުވުމުގައެވެ.
މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ ހުރިހާ ކަމެއް އެސްޓީއޯ އަށް ބަދަލުކުރުމަށް ބޯޑުން ނިންމާފައި މިވަނީ، ދުބައީ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުނިން ދެއްކި 240،000 ޑޮލަރު ގެއްލުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ މަސައްކަތް އެސްޓީއޯ އަށް ބަދަލުކޮށްފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު، އަޙްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.
މޯލްޑިވް ގޭސް އިން ގޭސް ގަތުމަށް ދުބާއީ ކުންފުންޏަކަށް ދިން ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ފެންމަތިވުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބީއެއް ލިބިފައި ނުވާއިރު، ގޭސްގެ ޝިޕްމަންޓް ރާއްޖެ އައިސްފައި ނުވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން