ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާނީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ކަމުގައި ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް، ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
އަދި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ޞިއްޙީ ވުޒާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
މި ޕޯލުގައި ގިނަ މީހުން ތާއީދުކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ކަމުގައިވިޔަސް، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވީ އެ އުމުރު 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންނަށް ތިރި ކުރުމަށެވެ.
މި ލިޔުން ކިޔާލުމުން