އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ތަރައްޤީކޮށް އެޚިދުމަތްތައް ރަށްރަށުގައި ފެށުމަށް 13 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު، ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
މިގޮތުން އެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ލަހުފާ ވިދާޅުވީ މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި 13 ކައުންސިލުން ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައިވާ ކަމަށާއި، އެކައުންސިލްތަަކާއެކު އެ ބޭފުޅުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން، ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން އެފަދަ ޖާގަތައް ތަރައްޤީކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާއި، އެގޮތަށް ތަރައްޤީކުރާ ޖާގަތަކުގައި ޚިދުމަތް ދޭނީ ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކާއެކު ކަމަށާއި، މީގެތެރޭގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގުމަކީ އަމާޒެއް ކަމަށް ވެސް ލަހުފާ ވިދާޅުވިއެވެ.
ދޮށީއުމުރުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުންގެ އަދަދު ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު އެކަންކަމަށް ރަނގަޅު ހައްލެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި ލަހުފާ ވިދާޅުވެފައިވަނީ، އިސްރަށްވެހިންނަށް ޚާއްސަކޮށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާއި ޖާގަތައް ތަރައްޤީކުރާނީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
އަދި، ރަށްރަށުގައި އިސްރަށްވެހިންނަށް ހަރަކާތްތައް ހިންގަން ފަށާނީ އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިސްރަށްވެހިންނަށް ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތައްވެސް ކަށަވަރުކުރައްވާނެކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.
2024 ފެބުރުވަރީ ގައި އިސްރަށްވެހިންގެ ފުރަތަމަ ނާދީ ޤާއިމުކުރެވިފައިވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ދަނީ ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވައި، ދޮށީ އުމުރުގެ ފަރާތްތަކުގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އެތަންތަނުގައި ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން