ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި އުޅަނދު ރާއްޖެ ގެނެސް އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ސިފައިން އެ ޤައުމުގައި ތަމްރީންވަމުންދާ ކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
ދިފާޢީ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކަމަށާއި، މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒުކުރެއްވުމަށް އެމަނިކުފާނު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައި ކަމަށެވެ.
މިގޮތުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ދަނީ ތަމްރީންވަމުން"، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ދިފާޢީ ވުޒާރާއިން ބުނީ މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރެއްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމާއުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ ސިފައިންގެ ޚިދުމަތަށް އިތުރުކުރެވޭ މި ޤާބިލުކަމަކީ ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން