ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 3.38 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން މާރިޗު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 174.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު %15.1 އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %26.2 އިތުރު އަދަދެކެވެ.
މާރިޗު 2024 އާ އަޅާބަލާއިރު މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައިވަނީ ފެބުރުވަރީ މަހުގެ ޓެކްސް ދައްކަން ޖެހޭ ސުންގަޑި ބަންދު ދުވަހާ ދިމާވާތީ، މާރިޗު 3 އަށް ސުންގަޑި އިތުރުކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީވެސް މިދިޔަ މަހު ބަލައިގަތުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެއެވެ. ނަމަވެސް، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ ފެބުރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %1.5 ދަށްވުމުން ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.
މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ފެބުރުވަރީ މަހުގެ ސުންގަޑި މާރިޗު މަހަށް އިތުރުކުރުމާ ގުޅިގެން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނާއި، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު އާމްދަނީގެ ސަބަބުންނެވެ. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއަކީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް ކޮންމެ އިރަކުވެސް ދެއްކޭ، ވަކި ސުންގަޑިއެއް ނޯންނަ ފީއެއް ކަމަށް މީރާއިން ބުނެއެވެ.
މީގެ އިތުރުން، އާމްދަނީގެ %6.9 އަކީ ކުރިން ހަމަވެފައިވާ ސުންގަޑިތަކަށް ދައްކަންޖެހޭ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ކަމަށާއި، އޭގެ ސަބަބުންވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ކަމަށް މީރާއިން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %57.0 ނުވަތަ 1.93 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ %11.4 ނުވަތަ 384.30 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 270.02 މިލިއަން ރުފިޔާ (%8.0)، އިންކަމް ޓެކްސްގެ ގޮތުގައި 186.01 މިލިއަން ރުފިޔާ (%5.3)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.35 މިލިއަން ރުފިޔާ (%4.8)، އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157.01 މިލިއަން ރުފިޔާ (%4.6) ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން