2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު ކަނޑައަޅައިފިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރާ %0.01 އަށް ވާ 27،981،256ރ. ބެހިފައިވާ ގޮތުގެ ތަފްޞީލް އާންމުކޮށްފައެވެ.
އީސީން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މި އަހަރު އެންމެ ގިނައިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. އެގޮތުން 31 ޑިސެންބަރު 2024 ގެ ނިޔަލަށް 68،968 މެންބަރުން ތިބި ކޮންގްރެސް ޕާޓީއަށް ދިނުމަށް ކަނޑައަޅާފައިވަނީ 13،326،689.57ރ. އެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. މިގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 43،755 މެންބަރުން ތިބިއިރު، އެ ޕާޓީއަށް ކަނޑައަޅާފައިވަނީ 8،454،780.51ރ. އެވެ.
13،826 މެންބަރުންނާއެކު ތިންވަނައަށް އެންމެ ގިނައިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. އެއީ 2،671،598.57ރ. އެވެ. އަދި 9،210 މެންބަރުން ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް 1،779،648.69ރ. ދިނުމަށް ހަމަޖެހިފައިވާއިރު، 9،049 މެންބަރުން ތިބި އަދާލަތު ޕާޓީއަށް ކަނޑައަޅާފައިވަނީ 1،748،538،65ރ. އެވެ.
މީގެ އިތުރުން އީސީން އާންމުކޮށްފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި މި ފަސް ޕާޓީގެ ތެރެއިން ޤާނޫނާ ގަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ ހަތަރު ޕާޓީއެއް ހިމެނެއެވެ. އެގޮތުން އަދާލަތު ޕާޓީން 35،000ރ. ނުދައްކާ ހުރިއިރު، ޖޭޕީން 15،000ރ. އަދި އެމްޑީއޭ އާއި ޕީއެންސީން ކޮންމެ ޕާޓީއަކުން 10،000ރ. ނުދައްކާ ހުރި ކަމަށް އީސީން ހާމަކުރެއެވެ.
އީސީން ބުނީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން ބޮލަކަށް ޖެހޭނީ 193.23ރ. ކަމަށެވެ.
މި ލިޔުން ކިޔާލުމުން