ހުޅުމާލޭގައި ކޯރާޑިއަކުން ހަމާލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް (25 އ.) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިޞަލް (19 އ.) އެވެ.
މި މާރާމާރީ ހިނގާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 11:35 ހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެންނެވެ. މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާއިރު، ފުލުހުން ބުނީ މި މައްސަލަ ޕީޖީގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފަވަނީ މިއަދު ކަމަށެވެ.
މި ލިޔުން ކިޔާލުމުން