މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސްގެ މަޤާމަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ކުރި އިޢުލާންގައިވާ ގޮތުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ނުވަތަ އެ ފަރާތަކީ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައ މަސައްކަތްކޮށްފައިވާން ޖެހޭނެ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 21،884ރ. އާއި، މަޤާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 339ރ. ލިބޭނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
އެމްބީއެސްގެ މަސައްކަތްތައް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އައު މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު، ވަގުތުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެހެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ސަރވިސް އަށް ޑިރެކްޓަރ ޖެނެރަލަކު ވަނީ ހަމަޖައްސައިފައެވެ.
މިއާއެކުވެސް، ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސަން ޖެހެއެވެ.
އެހެންކަމުން ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސްގެ މަޤާމަށް މީހަކު ޢައްޔަންކުރަން މިއަދު ޢިއުލާންކޮށްފައިވާއިރު، އެ ސަރވިސް އަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ވަނީ ނިންމަވާފައެވެ.
މި ލިޔުން ކިޔާލުމުން