މިދިޔަ އަހަރު ގެވެށި އަނިޔާގެ 722 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެފްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގެވެށި އަނިޔާގެ 6،446 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރެވެ.
މީގެ އިތުރުން، 991 މީހަކަށް ގެވެށި އަނިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި 124 ފިރިހެނުންނާއި، 552 އަންހެނުންގެ އިތުރުން 315 ކުޑަކުދިން ހިމެނޭ ކަމަށްވެސް އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލަތަކެވެ. މިގޮތުން މިފަދަ 423 މައްސަލައެއް ހުށަހަޅާފައިވާއިރު، މައިންބަފައިންނާއި ބެލެނިވެރިންގެ ފަރާތުން އަނިޔާ ލިބުނުކަމުގެ 305 މައްސަލައަކާއި ޢާއިލީގޮތުން ނުވަތަ ކައިވެނީގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ ކިބައިން އަނިޔާ ލިބުނުކަމުގެ 256 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.
އެފްޕީއޭ އިން އާންމުކޮށްފައިވާ ގޮތުގައި ބައިވެރިއެއްގެ ފަރާތުން އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން އަނިޔާގެ ޢަމަލު ހިންގާފައިވަނީ ފިރިމީހާއެވެ. އެގޮތުން %54 މައްސަލަތަކުގައި ފިރިމީހާގެ ފަރާތުން އަނިޔާ ލިބިފައިވާއިރު، %27 މައްސަލަތަކުގައި އަނިޔާކޮށްފައިވަނީ ކުރީގެ ފިރިމީހާއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު އެފްޕީއޭ އަށް ހުށަހެޅިފައިވާ ގެވެށި އަނިޔާގެ ރިފަރަލްތަކުން އެންމެ ގިނަ އަދަދަކަށް ހިނގާފައިވާ ކަމަށް ދައްކަނީ ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާގެ ޢަމަލުތަކެވެ. މިގޮތުން މިފަދަ 512 މައްސަލައެއް ލިބިފައިވާއިރު، ޖިސްމާނީ އަނިޔާގެ 472 މައްސަލައަކާއި ބިރުދެއްކުމުގެ 292 މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ.
މި ލިޔުން ކިޔާލުމުން