ކޫލް ސްކޫލް ޕްރޮގްރާމްގެ ތެރެއިން، ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ މިހާރުވަނީ ނިމިފައި ވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ވަނީ މިދިޔަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ހާސިލް ކުރެއްވުމަށް ނިންމު މުހިންމު ނިންމުންތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ފާހަގަކުރައްވާފައިވާ އެއް ކަމަކީ ދެ އަހަރު ދުވަހުން ނިންމަން މަސައްކަތްފެށި ކޫލް ސްކޫލް ޕްރޮޖެކްޓްއެވެ.
''މިދިޔަ އަހަރުގެ ޖޫންމަހު 2 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ކޫލް ސްކޫލް ޕްރޮގްރާމްގެ ތެރެއިން، ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ނިމިފައި'' މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާއި މުދައްރިސުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ކުރެވުނު މަސައްކަތުގައި ކުރަންހުރި ކަންކަން ގިނަކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
''ނަމަވެސް އުފަލާއެކު ދަންނަވަންޖެހެނީ އެކަށީގެންވާ ކާމިޔާބުތަކެއް މިކަމުގައި ހޯދިއްޖެކަމަށް. މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ފެށިއްޖެ. މިޕްރޮގްރާމްގައި 120 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރަން. މި އަހަރުގައި މި ޕްރޮގްރާމްގެ ތެރެއިން އިތުރު ފުރުސަތު ފަހިކޮށްދެވޭނެ. އަދި، މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް، ހުކުރު ދުވަހަކީ ސްކޫލުތަކުގައި އާއްމުކޮށް ހަރަކާތްތައް ނުހިންގާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ތަންފީޒުކުރަންވަނީ ވަނީ ފެށިފައި'' މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިންގެ ހިދުމަތް މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން