ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދޮސަރީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ، ސަޢޫދީ ސަފީރު ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަޢޫދީ ސަފީރު ވަނީ، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ވަޒީރު ޑރ. ޚަލީލް ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން