އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެ އިދާރާގައި ޢަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންދާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝަމްޢާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޝަމްޢާން ހައްޔަރުކުރީ މާރިޗު 21 ވަނަ ދުވަހު ރޭއެވެ. މި މައްސަލައިގެ ތަޙުޤީޤަށް ޝަމްޢާން ބަންދުކުރުމަށް ކޯޓުން އަމުރުކުރުމުން، ޝަމްޢާން ބަންދުކުރި މައްސަލަ އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާރ، ޙުސައިން މުޙައްމަދު ޙަނީފް ސޮއިކުރައްވައި އާންމުކުރި ނިންމުމުގައި ބުނެފައިވަނީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ހިންގާ ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000ރ. އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާ ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން