ބޭރުގައި ތައުލީމު ހޯދާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުޙަައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނުވަ ނަންބަރު ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން ޔޫކޭ (އެމްއެސްއޭ ޔޫކޭ) އާ އަލުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދަރިވަރުން ތިބޭއިރު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެއްވާފައެވެ. އެގޮތުން ކޮންމެ ގައުމެއްގައި ކިޔެވި ނަމަވެސް ދިވެހި ދަރިވަރެއް ނަމަ ސަރުކާރުން ސަމާލުކަން ދޭންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރައީސް ވަނީ، އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންނަށްވެސް ސަރުކާރުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ދޭނެކަމުގެ ޔަގީންކަން ދެއްވާފައެެވެ. ހާއްސަކޮށް، ދަރިވަރުންނަށް ބޭނުންވާ ސްޓައިޕެންޑާއި ޓިއުޝަން ފީ ޖަމާކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
"އެ ޔަޤީންކަންދެން. މިސާލަކަށް، ސްކޮލަރޝިޕްގައި އައިސް ތިބި ކުދިން. އަދި ލޯނު ނަގައިގެން އައިސް ތިބި ކުދިން. އަދި އަމިއްލަ ޚަރަދުގައި އައިސް ތިއްބަސް. އެއްވެސް ކަމެއްގައި ސަރުކާރުގެ ތެރެއިން ކަމެއް ކޮށްދިނުމުގައި އެހީތެރިކަން ބޭނުންވަންޏާ އަދި ނުވެ އޮތް ކަމެއް ވިޔަސް އެކަމެއް އަޅުގަނޑު ކޮށްދޭނަން އިރާދަކުރެއްވިއްޔާ. ސަރުކާރުގެ ނިޒާމު ތެރެއިން އަވަސްކޮށްދިނުމާއި ފަހިކޮށްދޭނަން." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ދަރިވަރުންނަށް ޖަވާބުދާރީ ވުމުގައި ލަސްތަކެއް ކުރިން އުޅުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި، ދަރިވަރުންގެ އީމެއިލްތަކަށް ޖަވާބުދިނުން ލަސްވުން ފަދަ މައްސަލަތައް ހައްލުވާނެ ކަމަށެވެ.
" އީމެއިލަށް ޖަވާބު ދިނުން ލަސްވުން ކަހަލަ ކަންތައްތައް. އެކަންކަން އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު ހަމަ އެޑްރެސްކުރާނަން. ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް، އެފިޝެންޓްކޮށްދީ، އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް، ޖަވާބުދިނުމާއި، އަވަހަށް އޮން ޓައިމް، އެ ލިބެންޖެހޭ ފައިސާ، ޖަމާކޮށްދިނުންވިޔަސް ކަންކަމަށް، މިކަންކަން ރަނގަޅުކޮށްދިނުން ކަންތައް ކޮށްދޭނަން އިރާދަކުރެއްވިއްޔާ." ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް އިނގިރޭސިވިލާތައް ކުރެއްވި ޒިޔާރަތުގައި ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
އަދި އެ ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން