ތާރީޚާއި ސަގާފަތާއި ތަރިކައިގެ ކަންކަން ދިރުވުމުގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފިޠުރު ޢީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހިއްޗަށް ވަޑައިގަތުގެ ތަމްސީލަށް ބައެއް ފަރާތްތަކުން ފާޑުކިޔުމާ ގުޅިގެން ވަޒީރު ވިދާޅުވީ، ދީނާ ޚިލާފު ބިދުޢަވެރި އަމަލުތަކުގެ ގޮތުގައި މި ޒަމާނުގެ ދިވެހި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ކަންކަން ތަމްސީލުން އުނިކޮށްފައިވާނެ ކަމަށާއި އަދި އެއީ އެނގިގެން މަޝްވަރާކުރެވިގެން ގަސްދުގައި ކުރިކަމެއް ކަމަށެވެ.
މިގޮތުން ޒިޔާރަތްތަކަށް ގޮސް ކުރެވޭ ބައެއް ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް މިހާރުގެ ހާލަތާއި ނުގުޅޭ ބައެއް ކަން ޒަމާނުގެ ހާލަތަށް ފައްތާފައިވާނެ ކަމަށާއި، އެވޭލާ ފޮޓޯތަކަށް ބަލާއިރު ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ލޮންސިވެރީން އޭރު ތިއްބަވަނީ މަތިހަށި ހުހަށް ހުސްގަޔާ ކަމަށާއި، ހިނގަނީ ހުސްފައިގައި ނަމަވެސް، އޭގެ ފަހުގެ ފޮޓޯތަކުގައި ލިބާސް ލާފައިވާތީ ފެންނަ ކަމަށާއި، މި ދެ ގޮތުން ކުރެ ކޮމިޓީއަށް ފެނިވަޑައިގަތީ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުގައި ލިބާސް ލުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުސްފައިގައި ބައިވެރީން ނުހިންގުމަށެވެ. ކުރީގައި މާލޭގައި ހިމުން ދޮންވެލީގެ މަގުތައް ހުއްޓަސް މިހާރުގެ މަގުތައް ތަފާތުވީމައި"، ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުގެ ތަމްސީލް އިންތިޒާމު ކޮށްފައިވަނީ އެވުޒާރާއިން ނެގި ޚާއްޞަ ކޮމިޓީއަކުން ކަމަށާއި، އެ ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދެކެވަޑައިގަތް ބޭފުޅުންނާއި ތާރީޚު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ދީނީ ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޓަކައި އުނިކުރި ކަންތައްތައް ފިޔަވައި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތް ވާނެ ކަމަށާއި، އަސްލާ އެއްގޮތް ކުރުމުގެ މަޤްޞަދުގައި ތާރީޚްގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާއި އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރަށްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހުގެ ރޭގައެވެ.
މި ލިޔުން ކިޔާލުމުން