ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަންނަ ހޮނިހިރު ދުވަހު ހުޅުވާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މީރާ އިން ބުނީ 29 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަހެއް ކަމުގައިވިޔަސް، އެ ދުވަހަކީ އެ އިދާރާގެ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން ހޮނިހިރު ދުވަހުގެ 09:30 އިން 12:30 އަށް މީރާ ކައުންޓަރުގެ ޚިދުމަތްތަކާއި، ހޮޓްލައިން (1415) އާއި ވައިބަރ (9821415) އަދި ލައިވް ޗެޓު ޚިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުން ފެބުރުވަރީ މަހުގެ ޖީއެސްޓީ އާއި އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކްސް ދެއްކުމުގެ ސުންގަޑި އަކީ ހުކުރު ދުވަހަށް ވާތީ، ޓެކްސްތައް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މާރިޗު 29 އަށް އިތުރުކުރެވިފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ.
މީރާ އިން ވަނީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުންވެސް ދުރާލައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކަނޑައަޅާފައިވާ ސުންގަޑިއަށް ރިޓާންސް ހުށަހެޅުމާއި ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން