ކުރީއަހަރެކޭ އެއް ގޮތަށް މި އަހަރުވެސް ޢީދު ދިއްލުމުގެ ހަރަކާތް، ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، އީދު ދިއްލުމުގެ ޙަރަކާތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއް ކަމަށާއި، ކުލަބޮކިތަކާއި، ގިޑިގެތަކާއި، الله أكبرގެ ނަޣުރާގެ އަޑުއިވޭހެން ކުރިއަށް ގެންދިޔަ މި ޙަރަކާތް ވެގެން ދިޔައީ މާލޭ ސިޓީގެ ގިނަ ބަޔަކު ބަލައިގަތް މުހިން ޙަރަކާތެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން، އެ މަންޒަރު އޭރު ބަލަންތިބި ރަށްރަށުގެ މީހުން އެ ކަމަށް ރައީސްގެ އަރިހުން އެދިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން މި ދިޔަ އަހަރު އެ ކަން އަތޮޅުތަކަށް ފުޅާކުރެވި، މާލޭސިޓީގެ އިތުރުން އަތޮޅުތަކުގެ މައިރަށްރަށާއި، ސިޓީތައް ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ބީދައިން މި އަހަރުވެސް އީދަށް ދިއްލުމުގެ ޙަރަކާތް، ރަށްތައް އިތުރުކޮށް ޖުމްލަ 65 ރަށެއްގައި ޢީދު ދިއްލުން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އިންޓަވިއުގައި ވަޒީރު ވަނީ އަތޮޅުތެރޭގެ ތަފާތު ރަށްތަކުން މިހާރުވެސް ޢީދުލައިޓް ހޯދުމަށް ގުޅުއްވަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިއްލުމުގެ ޙަރަކާތުގެ އިތުރުން 200 އެއްހާ މަޝްރޫޢު މި އަހަރުގެ ތެރޭގައި ކުރިއަށްގެންދަން އެ ވުޒާރާއިން ނިންމާފައިވާ ކަމަށާއި، ބައެއް މަޝްރޫޢުތަކުގައި ހިމެނޭ ބައެއް ތަންތަނުގެ ބިންގާ އެޅި، ސިވިލް ވާރކް މަސައްކަތް ފެށުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރަމަޟާން މަހުގެ ފަހު 10 ގެ ބަންދުތެރޭގައި ވެސް އޮފީސް ހުޅުވި، އެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް އެ ވުޒާރާގެ މުވައްޒަފުން ހުއްޓުމެއް ނެތި ކުރައްވަމުންދާކަން ފާހަގަ ކުރައްވާ، އެންމެހައި މުވައްޒަފުންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން