ތިން އަތޮޅެއްގެ ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމަށްޓަކައި، އަންނަ ހަފުތާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއެކު މަޝްވަރާކުރައްވައިގެން ފަށްޓަވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިގޮތުން ރޭ އެ މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުން ޕަބްލިކް ވާރކްސް ޑިޕާޓްމަންޓްގައި ބޭއްވި ތަރާވީހުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ށ. އަތޮޅާއި، ނ. އަތޮޅު އަދި މ. އަތޮޅުގައި ޤާއިމްކުރަން ހުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ރޭ ދެއްކެވި ވާހަކަފުޅުގައި ޢީދުލައިޓްތައް އަތޮޅުތެރެއަށް ފޮނުވުމަށް ޓަކައި ސްޓެލްކޯއިން ލައިޓްތައް ޕެކްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ދިއްލި ރަށްރަށާއި، ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅެއްގެ ވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅުގައި، ޢީދު ލައިޓް ހޯދުމަށް އެދޭ ރަށްރަށުގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި، ޢީދަށް ރަށްތައް ދިއްލުމަކީ، ރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފަވެރިކަމުގެ އިތުރުން ދީނީ ސިއާރުފާޅުކުރުމަށް ޓަކައި ކޮންމެހެންވެސް ކުރުން މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ޢީދުލައިޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 29 ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް ސިޓީތަކާ ގުޅޭ ވުޒާރާއިން ހާމަކުރެއެވެ.
އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހާމަކުރައްވައި ވަޒީރު ރޭ ދެއްކެވި ވާހަކަފުޅުގައި، މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް އެބަ ދާކަމަށާއި، ރަސްފަންނާއި، ސަލްޓަން ޕާކު ބެލެހެއްޓުމުގައި ވެސް މުހިންމު މަސައްކަތްތަކެއް އެ ވުޒާރާގެ ފަރާތުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން