ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން މަންދީގެ މައްޗަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ރައީސްގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މުޒާހަރާތަކުގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި ވާހަކަތަކުގެ ސަބަބުން ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތީ އާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ، ޢުމައިރުގެ މަންމަ، ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، މަންދީގެ މައްޗަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެން ރައީސްގެ ޢާއިލާގެ ފަރާތުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވައިފައެވެ.
މަންދީގެ މި ޢަމަލާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ގިނަ ފަރާތްތަކަކުން ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން