ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރާނީ އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް އެ ވުޒާރާއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވައިފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތި މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ތަކެތީގެ ތެރެއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ގޮތަށް ޢަމަލު ކުރުމަށް ނިންމީ ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ވުޒާރާއަށް އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާތީ އާއި ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާ ކަމަށްވުމާއެކު، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، މި ޕެކޭޖުގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރއާއި، ދޫނިރޯގާ (އޭވިއަން އިންފުލޫންޒާ) ވައިރަސް ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
މީގެ އިތުރުން، ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހިސްޕައިން ބީޓްލްއަށް ޙަމަލާދޭ ނެޗްރަލް އެނެމީ (ޕެރަސިޓޮއިޑު) އާލާކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް) ގެ ޓީމެއް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭ ހަދައިފައެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަޤުސަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް އެންމެ ބޮޑަށް ގެއްލުން ސޫތްޕެއްކަމަށްވާ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމުގައި އިދާރީގޮތުން ބޭނުންކުރެވޭ އެކުވި ގޮތްތަކުގެ ތެރެއިން ގުދުރަތީގޮތުން ޕެސްޓަށް ޙަމަލާދޭ، ގަސްގަހާގެއްސަށް ފައިދާހުރި ސޫތްޕެއްކަމަށްވާ ލާވަލް ޕެރެސިޓޮއިޑް 'އެސިކޯޑްސް ހިސްޕިނާރަމް' އާލާކުރުމަށްފަހު ކޮކޮނަޓް ހިސްޕައިން ބީޓްލް އަށަގެންފައިވާ ރުއްތަކަށް ދޫކުރުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން