1446ގެ ރަމަޟާން މަހުގެ 20 އިން 30 ގެ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޚިދުމަތްތައް ލިބެމުންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން މިމުއްދަތުގައި އެ ވުޒާރާއިން އާންމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް ކަމަށާއި، މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، މިނިސްޓްރީން ޢާންމުކޮށްފައިވާ ސަރވިސް ޕްރޮސެސިންގ ޓައިމްތަކަށް ބަދަލު އަންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާގެ ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދެވޭނީ ވަންގަވް ނުވަތަ ބިޒްނަސް ޕޯޓަލް އިންނެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ވަންގަވްގެ ލައިވް ޗެޓް ނުވަތަ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.
އަދި ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް 3333181 ނުވަތަ 3333182 އަށް ގުޅުމަށްވެސް އެ ވުޒާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން، ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އޮންލައިން މީޓިންގ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި، އޮންލައިން ބައްދަލުވުމެއް ހަމަޖެއްސެއްވުމަށް އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން އެދިފައިވެއެވެ.
މި ލިޔުން ކިޔާލުމުން