ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އެޤާނޫނުގެ ދަށުން، މާލޭގައި ނަމަ އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައިނަމަ އެރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް ކަމުގައި އެ އޮތޯރިޓީން ބުންޏެވެ.
އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް އެމްއެފްޑީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
23 އޮގަސްޓު 2024 ގައި ޢަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ.
މި ލިޔުން ކިޔާލުމުން