ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަސްވެވަޑައިގަންނަވާ ޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ އެމަނިކުފާނު މަޖިލީހަށް ނުފޫޒު ފޯރުވުން ކަމުގައި ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، މަޖިލީހަކީ ސީދާ ރައީސްގެ ފުރިހަމަ ކޮންޓްރޯލްގައި އޮތް ތަނެއް ކަމަށާއި، މަޖިލީހުގެ ރައީސަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގައި އިންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު، މަޢުރޫފް ޒާކިރު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
"ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ"، މައުރޫފް ވިދާޅުވިއެވެ.
މަޢުރޫފްގެ ވާހަކަ މެދުކަނޑާލައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، މުޅި މަޖިލީހުގެ ކޮންޓްރޯލާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލްކުރާ ކަމަށް މަޢުރޫފް ވިދާޅުވި ވާހަކައަކީ އެއް ގޮތަކަށްވެސް ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
މިގޮތުން ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި، މަޖިލިސް ވެސް އޮތީ ނުފޫޒު ފޯރުވުމަކާ ނުލައި މިނިވަން ކޮށް ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ އެއީ އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލިސް ކޮންޓްރޯލްކުރާ ކަމަށް ވިދާޅުވެވޭނެ ސަބަބެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުންތައް މަޖިލީހަށް ވަނީ އަމާޒުވެފައެވެ. މިގޮތުން އާންމުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާއި މެންބަރުން ވެސް އަންނަނީ މަޖިލީހުގެ މަސައްކަތްތަކަށް ފާޑު ކިޔައިފައެވެ.
މި ލިޔުން ކިޔާލުމުން