އިއްޔެއިން ފެށިގެން ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައި ކަންތައްތައް ކުރިއަށްގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާރިޗު 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އައު ނިޒާމުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާޢިމްކުރެވިފައިވާ ކަމަށެވެ. އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރެވޭ ހިނދުން ފެށިގެން، މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށްގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށެވެ.
އެހެންކަމުން އިއްޔެއިން ފެށިގެން ނޭޝަނަލް އިމަޖެންސީ ނަންބަރު 911 އާއި، އެންޓި-ސްކޭމް ހޮޓްލައިން 125 އަދި އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ކަންކޮޅަކުންްވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި، މިހާރެކޭ އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެއެވެ.
"ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް މި ޚިދުމަތާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓު ކުރައްވައިގެން ކުރިއަށްގެންދެވުމަށްވެސް ދަންނަވަން"، އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަޤުޞަދުގައި، ފުލުހުންގެ 2024-2028 ސްޓްރެޓީޖިކް ޕްލޭންގެ ދަށުން "އެންޓި-ސްކޭމް ސެންޓަރު" ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި ލިޔުން ކިޔާލުމުން