2025 މާރިޗު 20 ވާ ބުރާސްފަތި ދުވަހު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއެމްއޭ އިން މިއަދު ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި އަދި ފިޠުރު ޢީދު އާއި ގުޅުވައިގެން 03 އޭޕްރީލް އާ ހަމައަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، ޢާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް، ފަހު 10ގެ ބަންދުގެ ތެރެއިން ތިން ދުވަހަކު އެ އޮތޯރިޓީ ހުޅުވާނެ ކަމަށެވެ. މިގޮތުން މިގޮތުން އެމްއެމްއޭ އިން ބުނީ މާރިޗު 20، 27 އަދި 29 ވަނަ ދުވަހު އާންމުންނަށް ޚިދުމަތް ދިނުމަށް އެ އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމަށެވެ.
މި ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
އެމްއެމްއޭ އިން ބުނީ ރޯދަ މަހު އެ އޮތޯރިޓީން ބޭންކިންގ ޚިދުމަތްތައް ދޭނީ 09:30 އިިން 12:00 އަށް ކަމަށާއި، ސިޓީ އާއި ތަކެތި ބަލައިގަންނާނީވެސް 09:30 އިން 12:00 އަށް ކަމަށެވެ.
1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ، މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން