1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މާރިޗު 29 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިޢުލާންގައި ބުނެފައިވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށާއި، އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ.
ޑީޖޭއޭ އިން ބުނީ މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، ހެކިބަސް އަދާކުރާނީ އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށެވެ.
ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.
ޑީޖޭއޭ އިން ބުނީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1446 ރަމަޟާން 29 (2025 މާރިޗު 29) ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
އެހެންކަމުން، މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ޑީޖޭއޭ އިން ބުނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ޝައްވާލް މަހުގެ 1 އަދި ފިޠުރު ޢީދު ރާއްޖެއަށް ވާނީ މީލާދީ ގޮތުން 31 މާރިޗު 2025 ގައެވެ.
މި ލިޔުން ކިޔާލުމުން