ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަރިކަލުން، ޢުމަރު މުޙައްމަދު މުޢިއްޒަކީ އެއްވެސް އިރެއްގައި އެއްވެސް ގޮތަކަށް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ރައީސްގެ ޢާއިލާގެ ފަރާތްޕުޅުން މިއަދު ނެރުއްވި ނޫސްބަޔާނުގައެވެ. މި ބަޔާން އިއްވާފައިވަނީ ރައީސްގެ ޢާއިލާގެ ފަރާތްޕުޅުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޢާއިލާގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބު، އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރެވެ.
"އަޅުގަނޑުގެ ދަރިފުޅު ޢުމައިރު މުޙަންމަދު މުޢިއްޒުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައި، މީޑިޔާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައެވެ. މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނެއެވެ. މިފުރުޞަތުގައި ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން"، އެ ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި މެޑަމް ސާޖިދާ އިތުރަށް ވިދާޅުވެފައިވަނީ މިކަންކަން މިހެންކުރަމުންދަނީ އެކަމަނާގެ ފިރިކަލުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެކި ފަރާތްތަކުން ކަމަށާއި، މިފަދަ ވާހަކަތަކުގެ ތެރޭގައި އެކަމަނާގެ ދަރިކަލުންގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކައި ފަތުރާފައިވާ ކަމަށެވެ.
"އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުން"، އެކަމާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު ޢުމައިރަކީ ޢުމުރުން 16 އަހަރުގެ ކުޑަކުއްޖެކެވެ. ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަޤްބަލު ކުރިމަތީގައި އޮތް، ތަޢުލީމީ ޙަޔާތް އަދި ފުރިހަމަނުވާ ކުއްޖެއް. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއް"، ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސްގެ ދެކަނބަލުންގެ ދޮށީ ދަރިކަލުންނާއި، 8 އަހަރުގެ ހަނގު ދަރިކަލުންނަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫ ކަމެއް ކަމުގައެވެ.
ރައީސްގެ ޢާއިލާގެ ފަރާތްޕުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެންނެވެ. މަންދީގެ މި ޢަމަލާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ގިނަ ފަރާތްތަކަކުން ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން